ޑިވިޝަންތައް
16 މާޗް 2021 ޝެއާ ޓުވީޓް

ޑިވިޝަންތައް


ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިޕަރޓްމަންޓް

ރިސޯސް މޮބިލައިޒޭޝަން ސެކްޝަން
ރިސޯސް މޮބިލައިޒޭޝަން ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބޭރުގެ ހިލޭ އެހީ އާއި ލޯނު އެހީގައި ސަރުކާރުން އަލަށް ފެށުމަށް ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ އަދި އެހެނިހެން ރިސޯސް ހޯދުމާއި، ސަރުކާރުގެ އެކިއެކި އިދާރާތަކުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލާ، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ޑިޕަރޓްމަންޓުން ކުރާ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ވަޑައިގަންނަވާ ވަފްދުތަކަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ރާވައި އިންތިޒާމްކުރުމާއި، މި ވަފްދުތަކުން ސަރުކާރުގެ އެކިއެކި އިދާރާތަކާއެކު ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އަހަރީ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ވަފްދުތައް ބައިވެރިވުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުމަކީވެސްމި ސެކްޝަންގެ މަސްއޫލިއްޔަތެކެވެ.

ޑެޓް މެނޭޖްމަންޓް ސެކްޝަން
މި ސެކްޝަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ދަރަންޏާއި ގުޅޭ ޕޮލިސީ ކަނޑައެޅުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދައުލަތުގެ މެދުރާސްތާގެ ދަރަނި މެނޭޖްކުރުމުގެ ސްޓްރެޓަޖީއެއް ތައްޔާރުކުރެވެއެވެ. އަދި ދައުލަތުން ނަގާ ލޯނުތަކާއި ދޫކުރާ ގެރެންޓީތަކުގެ ރިސްކް އެސެސްމަންޓް ހެދުމަކީ މި ސެކްޝަނުގެ ޒިއްމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން ދަރަންޏާބެހޭ ރެކޯޑްތައް ފުރިހަމައަށް ބެލެހެއްޓުމަށް ޙާއްސާ އަޙައްމިއްޔަތުކަމެއް ދީގެން، ދައުލަތުން ނަގާ ލޯނުތަކާއި ލިބޭ ހިލޭއެހީ އަދި އެކިއެކި އިދާރާތަކަށް ދޫކުރާ ގެރެންޓީ އަދި ސަބްސިޑިއަރީ ލޯނުތަކުގެ ހިސާބުތައް ރިކޯޑްކޮށް ބެލެހެއްޓުމަކީ ސެކްޝަނުން ކުރަމުންދާ ކަމެކެވެ. މީގެ އިތުރުން ދަރަނީގެ ހިސާބުތައް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ދަރަނީގެ މަޢުލޫމާތު ތައްޔާރުކުރުމާއި، ދަރަނި އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ ޝެޑިއުލްއާއި އެއްގޮތަށް ދަރަނި އަނބުރާ ދައްކަމުން ދިއުމަކީ ސެކްޝަނުން ކުރާ މުހިއްމު މަސައްކަތްތަކެވެ.

ކޯރޕަރޭޓް އެފެއަރޒް ޑިޕަރޓްމަންޓް
ކޯރޕަރޭޓް އެފެއަރޒް ޑިޕަރޓްމަންޓަކީ މިނިސްޓްރީގެ މެންޑޭޓް ގައިވާ ކަންތައްތައް ޙާޞިލްކުރުމަށްޓަކައި އެހެން ޑިޕަރޓްމަންޓްތަކަށް ބޭނުންވާ ސަޕޯރޓް ދިނުމުގެގޮތުން އުފައްދާފައިވާ ޑިޕަރޓްމަންޓެކެވެ. މިނިސްޓްރީން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާއި ކުރަމުންގެންދާ މަސައްކަތްތައް ކުރުމުގައި ލުއި ފަސޭހަ ގޮތްތަށް ހޯދައި، ފަންނީ އެހީތެރިކަމާއި މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ޑިޕަރޓްމަންޓްގެ މައިގަނޑު އެއް މައްސޫލިއްޔަތެވެ. މީގެ ތެރެއިން ކަންކަމުގައި ޤާނޫނީ ލަފާ ދިނުމާއި މިނިސްޓްރީގެ ބަޖެޓް އަދި އެކައުންޓްސް ބެލެހެއްޓުމާއި މުވައްޒަފުންނާއި ގުޅުން ހުރި ކަންކަން ބެލެހެއްޓުން ފަދަ ކަންކަން ކުރަމުންގެންދަނީ މި ޑިޕަރޓްމަންޓްގެ ދަށުން މަސައްކަތްކުރަމުންދާ ސެކްޝަންތަކުންނެވެ. އަދި މިއާއެކު، މިޑިޕަރޓްމަންޓްގެ ދަށުން ހިނގަމުންދާ ވަރަށް ހާއްސަ ޕްރޮޖެކްޓެއް ކަމުގައިވާ ޕަބްލިކް ފައިނޭންސް މޮޑަރނައިޒޭޝަން ޔުނިޓް އަކީ އެކްސެލެންސް ޓީމް އެކުލަވާލައި، ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިޓެކެވެ. އެގޮތުން އާއްމުންނަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށް ކޯލް ސެންޓްރެއް ޤާއިމކޮށް،މިނިސްޓްރީތަކުން ފޮނުވާ ބަޖެޓް ކޮންޓްރޯލްތައް ފަސޭހަކަމާއެކު ފޮނުވުމަށް ބަނޑޭރި ޕޯރޓަލެއް ޤާއިމް ކޮށްފައި ވެއެވެ.
o އެޑްމިނިސްޓްރޭޓިވް ސެކްޝަން
o ހިއުމަން ރިސޯސް ސެކްޝަން
o އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން
o ކޯލް ސެންޓަރ
o ލީގަލް ސެކްޝަން
o ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން
o އެގްޒެކެޓިވް ސެކްރެޓޭރިއެޓް
o ޕަބްލިކް ފައިނޭންސް މޮޑަރނައިޒޭޝަން ޔުނިޓް
ފިސްކަލް އެފެއަރޒް ޑިޕަރޓްމަންޓް
ފިސްކަލް ޕޮލިސީއާމެދު މި މިނިސްޓްރީގެ ވިޜަން ޙާސިލުކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ، ނަމުންވެސް ދޭހަވާ ފަދައިން މި މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕަރޓްމަންޓް (އެފް.އޭ.ޑީ.) އެވެ. މި ޑިޕަރޓްމަންޓްގެ މައިގަނޑު މަސައްކަތް ބިނާވެފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފިސްކަލް ބެލެންސް ހިފެހެއްޓުމުގެ މައްޗަށެވެ.
އެފް.އޭ.ޑީ ޚާއްސަ ވެފައި ވަނީ، ސަރުކާރުން ކަނޑައަޅުއްވައި ލަނޑުދަނޑިތައް ދެމެހެއްޓެނިވި ގޮތެއްގައި ޙާސިލުކުރެވޭނެ ފަދަ ގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވާލައި، ބަޖެޓު ތަންފީޒުވަމުންދާ މިންވަރު މޮނީޓަރކޮށް ރެގިއުލޭޓްކުރުމަށެވެ. އަދި ސަރުކާރުން ކަނޑައަޅުއްވައި ފިސްކަލް ޕޮލިސީ އެންމެ ފުރިހަމަ ގޮތެއްގައި ތަންފީޒުކުރުމަށް ބޭނުންވާ ފިސްކަލް އަދި މަނިޓަރީ ހަމަޖެހުން އިޤްތިޞާދަށް ގެނައުމަށް އަމާޒުކޮށް، އިޤްތިޞާދުގެ މުހިންމު ބައިތަކުގެ މެދުގައި ކޯޑިނޭޝަން ރަނގަޅުކުރުމުގެ ގޮތުން މެކްރޮއިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ.
ފިސްކަލް ދާއިރާއާ ގުޅޭ ދިރާސާ ކުރުމަކީވެސް އެފް.އޭ.ޑީ.ގެ މުހިންމު މަސްއޫލިއްޔަތެކެވެ. މިގޮތުން ސަރުކާރުގެ އެންމެ އިސް ވެރިން ކަނޑައަޅުއްވައި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ގެންގުޅުއްވާ ޕޮލިސީ ކަނޑައެޅުމުގައި އެހީވެދޭނެ ޓެކްނިކަލް ކަރުދާސްތައް ތައްޔާރުކޮށް ހުށަހަޅައެވެ. މީގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރު ކުރުމާއި، ޚަރަދުތައް ހަރުދަނާކުރުން ފަދަ ކަންކަމުގައި ލަފާއެރުވުން ހިމެނެއެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދައުލަތުގެ މާލީ ޙާލަތު އަންގައިދިނުމުގެ ރިޕޯޓުތައް ތައްޔާރުކޮށް، ޝާއިއުކުރުމަކީ އެފް.އޭ.ޑީ.ގެ ޒިންމާއެކެވެ.
ޓްރެޜަރީ އެންޑް ޕަބްލިކް މެނޭޖްމަންޓް ޑިޕަރޓްމަންޓް
ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓިންގ ޑިޕަރޓްމަންޓް
ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓިންގ ޑިޕަރޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ ފައިސާއާއި މުދަލުގެ ހިސާބުތައް ބަލަހައްޓާ ތައްޔާރުކުރުމެވެ. މީގެ އިތުރުން ދައުލަތުގެ "ސެންޓްރަލައިޒްޑް ޕޭމަންޓްސް" ނިޡާމް ހިންގުމަކީވެސް މިޑިޕަރޓްމަންޓްގެ މުހިންމު މަސައްކަތެކެވެ. އަދި ދައުލަތުގެ "ކޭޝް ފްލޯ" ތައްޔާރުކޮށް، "ކޭޝް ފްލޯ" އާއި އެއްގޮތަށް ދައުލަތުގެ ޚަރަދުތައް، ލިބޭ އާމްދަނީއަށް ބަލައި ހަމަޖެއްސުމަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ހިސާބުތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުން ހިމެނެއެވެ. އަދި ޕަބްލިކް ބޭންކް އެކައުންޓްގައި ހުރި ފައިސާގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުން ނުވާ ފައިސާ އިންވެސްޓް ކުރުމާއި، ޕަބްލިކް ފަންޑުތަކުގެ ހިސާބުތައް ލިޔެ ބެލެހެއްޓުމާއި ކޮންޓްރޯލް ކުރުމާއި، އަދި ޕަބްލިކް ބޭންކް އެކައުންޓާއި ދައުލަތުގެ މާލީ ކަންކަން ކޮންޓްރޯލް ކުރުމާއި ބެލެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން ދައުލަތުގެ ފައިސާ ބަލައިގަނެވެނީ، ނުވަތަ ބެލެހެއްޓެނީ، ނުވަތަ ޚަރަދު ކުރެވެނީ، ނުވަތަ އިންވެސްޓް ކުރެވެނީ ޤާނޫނާއި ގަވާއިދާއި އެއްގޮތަށްތޯ ބެލުމާއި، ދައުލަތުގެ މުދާ އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މުދާ ގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީ، ނުވަތަ ވިއްކެނީ، ނުވަތަ ނައްތާލެވެނީ، ނުވަތަ ދޫކޮށްލެވެނީ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިންތޯ ބެލުން ހިމެއެވެ.

އިންޓަރނަލް އޮޑިޓް
ދައުލަތުގެ އިންޓަރނަލް އޮޑިޓް
ދައުލަތުގެ އިންޓަރނަލް އޮޑިޓަކީ ދައުލަތުގެ ނަމުގައި ހިނގަމުންދާ ޕަބްލިކް ބޭންކް އެކައުންޓާއި، ޕަބްލިކް ބޭންކް އެކައުންޓާއި، ޕަބްލިކް ފަންޑުތަކާއި، ދައުލަތުގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (ފެބްރުއަރީ 2017) ބާބު 17 ގެ ދަށުން ބާރުލިބިގެން މިނިސްޓަރ އޮފް ފިނޭންސް ޤާއިމުކޮށްފައިވާ ނިޒާމެކެވެ.
އެގޮތުން ދައުލަތުގެ އޮފީސްތަކުގެ އެކި ދާއިރާތަކުގައި ހުންނަ ރިސްކް ( މާލީ ހިންގުމަށް ކުރާ ނުރަނގަޅު އަސަރު) ދެނެގަނެ، އެ އޮފީސްތަކުގައި ހުންނަ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތަކާއި އެ ހިސާބުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަމުން ދަނީ މި ގަވާއިދާ އެއްގޮތައްތޯ ބަލައި ޗެކު ކުރުމަކީ ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ މަސްއޫލިއްޔަތެކެވެ.

ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިންގ
ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިންގ ޑިޕަރޓްމަންޓް
ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިންގ ޑިޕަރޓްމަންޓްގެ މައިގަނޑު މަސައްކަތަކީ، ދައުލަތުގެ ވިޔަފާރިކުރާ ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2013/3)ގެ ދަށުން އުފައްދަވާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއެޓް މަސައްކަތް ކުރުމާއި، މިނިސްޓްރީ އޮފް ފިނޭންސް ގެ ބެލުމުގެ ދަށުގައިވާ ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ މާލީ ޙާލަތު މޮނިޓަރ ކުރުމާއި އިވެލުއޭޓްކުރުމާއި، އެތަންތަނަށް ސަރުކާރުން ދޫކޮށްފައިވާ ރައުސުލްމާލަށް ވާނުވާ ބެލުމާއި، ކުންފުނިތަކުގެ ބަޖެޓު ދިރާސާކުރުމާއި، ހިސާބުތަށް ބަލަހައްޓާގޮތާއި، އަހަރީ ފައިދާ ބެހުމާބެހޭ ސިޔާސަތު ކަނޑައެޅުމާއި، ފައިދާނުވާ ތަންތަނާމެދު އަޅާނެ އިޞްލާޙީ ފިޔަވަޅުތައް ކަނޑައެޅުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމުންވެސް އެދެވޭ ނަތީޖާ ނުލިބޭ ތަންތަނުގެ ތެރެއިން އިޖްތިމާޢީ ބޭނުމަށް ހިންގަންޖެހޭ ތަންތަން ފިޔަވައި، އެހެންތަންތަން އުވާލުމާމެދު ލަފާހޯދާ، އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމެވެ.

ނެޝެނަލް ޓެންޑަރ
ބޯޑުގެ އިދާރީ މަސައްކަތްތަކާއި އަދި ދަޢުލަތުގެ ޕްރޮކިއުމަންޓާއި ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ނޭޝަނަލް ޓެންޑަރގެ ނަމުގައި މި މިނިސްޓްރީގައި ޤާއިމްކުރެވިފައިވާ ނޭޝަނަލް ޓެންޑަރގެ ސެކްރެޓޭރިއަޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުން އެކިއެކި ފަރާތްތަކާ ޙަވާލުކުރައްވާ 2,500,000 ( ދެމިލިޔަން ފަސްލައްކަ) ރުފިޔާ އަށްވުރެ އަގު ބޮޑު މަސައްކަތްތަކާއި، ޚިދުމަތްތައް ޙަވާލު ކުރެއްވުމާއި، އަގު ބޮޑު ތަކެތި ގަތުމާއި ޚިދުމަތް ހޯދުން، މިފަދަ މަސައްކަތްތައް ބީލަމަށް ލެއްވުމާއި، ހުށަހެޅޭ ބީލަންތައް ދިރާސާ ކުރުން ހިމެނެއެވެ.