ގްރޭޓަރ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ 165 މިލިއަން ޑޮލަރު މިނިސްޓަރ އަޙްމަދު މުނައްވަރު ހޯއްދަވައިދެއްވައިފި.

27 އޮކްޓޯބަރ 2018

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

 މާލެ، ދިވެހި ރާއްޖެ

    

ނަންބަރ: (PR) 13-E1/13/2018/8 

ނޫސް ބަޔާން

 

ގްރޭޓަރ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ 165 މިލިއަން ޑޮލަރު މިނިސްޓަރ އަޙްމަދު މުނައްވަރު ހޯއްދަވައިދެއްވައިފި.

 

އޭޝިއަން ޑިވަލޮޕްމަންޓް ބޭންކުގެ ގަވަރުނަރުންގެ ބޯޑުގެ 51 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް އިތުރު 165 މިލިއަން ޑޮލަރުގެ ވަނީ ހަމަޖެހިފައެވެ. މި އެހީ ކަށަވަރު ކޮށްދެއްވާފައި ވަނީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރުގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރެވެ. އަދި މި ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުން  %10 އާއި %13 ގެ މިންވަރަކަށް ޚަރަދު ކުރާނެ ޕްރޮޖެކްޓެކެވެ.

 

މި ބައްދަލުވުމުގައި، މިނިސްޓަރ މުނައްވަރު ވަނީ މި ޕްރޮޖެކްޓަށް ފައިނޭންސް ކޮށްދެއްވައި ބޭންކުތައްކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ)ގެ އިސްވެރިންނާ ބައްދަލުކުރައްވައި މި މަޝްރޫއާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި މަޝްރޫޢު އަކީ މާލެ ސަރަހައްދުގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށް ވާއިރު، ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ދަށުން ކުނި ނައްތާލުމުގެ މަޤްސަދުގައި ގާއިމް ކުރެވޭ މި ޕޮރޮޖެކްޓްގެ ކޯ ފައިނޭންސަރުންނަކީ އޭ.އައި.އައި.ބީ، އައި.ޑީ.ބީ އަދި ޖަޕާން ފަންޑް ފޮރ ދަ ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް) އެވެ. އެގޮތުން މި ބައްދަލުވުމުގެ މަޝްވަރާތަކުގެ ތެރޭގައި އެ ބޭންކުތަކުގެ އިސް ވެރިންނާއި ބައްދަދަލު ކުރައްވައި، މި މަޝްރޫޢުއަށް އެ ބޭންކުތަކުން ފަންޑު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ މުނައްވަރު ވަނީ ހޯއްދަވައި ދެއްވާފައެވެ.

 

މި ޕްރޮޖެކްޓްގެ ދަށުން މާލޭގެ އިތުރުން ކ، އއ، އދ އަދި ވ އަތޮޅުގެ އާބާދު ވެފައިވާ ރަށްތަކާއި ރިސޯޓުތަކުގައި ކުނި ނައްތާލުމުގެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމް ކުރެވިގެން ދާނެއެވެ. މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ބެލުމުގެ ދަށުންނެވެ.

 

މި ޕްރޮޖްކްޓްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ބޭނުންވާ 40 މިލިއަން ޑޮލަރުގެ ގްރާންޓް ހޯދުމުގެ މަޝްވަރާތައް ވަނީ 2 މޭ 2018 ގައި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީގައި ކުރިއަށް ގެންގޮސްފައެވެ. މި މަޝްވަރާތަކާއެކު، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސަށް އޭ.ޑީ.ބީގެ ފަރާތުން އެހީ މިވަނީ ޔަގީންކުރެވިފައެވެ. މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހި އަމާޒު ކުރެވިފައިވަނީ ތިލަފުށީގައި ކުނި އެންދުން ހުއްޓުމަކަށް ގެނައުމަށް މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތްތައް ފެއްޓުމަށެވެ. 2 ވަނަ ފިޔަވަހި މައިގަނޑު ގޮތެއްގައި ބިނާކުރެވިފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ތިލަފުށީގައި ގާއިމުކޮށް ކުނިން ހަކަތަ އުފެއްދުމުގެ މައްޗަށެވެ.

 

މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ ޖުލައި 2018 ގައެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން މިއަހަރުގެ ނިޔަލަށް ތިލަފުށީގައި ކުނި އެންދުން މުޅިންހެން ހުއްޓާލެވޭނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ. މީގެ އިތުރުން ޕްރޮޖެކްޓް ހިންގުމަށްޓަކައި މޭ މަހުގެ ކުރީކޮޅުން ފެށިގެން ތިލަފުށީގައި 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފާ ވާއިރު، މި ޕްރޮޖެކްޓުގެ 2 ވަނަ ފިޔަވަހި ފެށޭނެ ކަމަށް އަދި ލަފާކުރެވެނީ 2019 ވަނަ އަހަރުގެ ކުރީ ކޮޅެވެ.

 

މިނިސްޓަރ އަޙްމަދު މުނައްވަރާއި އޭ.ޑީ.ބީގެ ޓީމުން ކުރެއްވި ބައްދަލުވުމުގައި އޭ.ޑީ.ބީގެ ރައީސް، ޓަކެހީކޯ ނަކާއޯ ވަނީ ދިވެހިރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢު ތަކުގައި އެބޭފުޅުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި މިފަދަ ބޮޑެތި މަޝްރޫޢުތަކަށް ކޮންސެޝަނަލް ލޯން ގެ ޒަރިއްޔާއިން މާލީގޮތުން އެހީވެ ދޭންވެސް ތައްޔާރަށް ތިއްބެވިކަން ހާމަ ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ އަޙްމަދު މުނައްވަރު ވަނީ އޭ.ޑީ.ބީގެ ނައިބު ރައީސް ވެންކާއީ ޒަންގ އަދި ޑިރެކްޓަރ ޖެނެރަލް ހުން ކިމް އާ ވެސް ބައްދަލުކުރައްވާފައެވެ. ފިލިޕީންސްގެ މެނީލާ ގައި މޭ 3 ން 6 އަށް ބޭއްވުނު އޭ.ޑީ.ބީގެ އަހަރީ ޖަލްސާގައި މިނިސްޓަރ އަޙްމަދު މުނައްވަރާއެކު މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އަޙްމަދު މާޒިން އަދި ޕްރޮޖްކްޓް އެނަލިސްޓް އާއިޝަތު ޒާރާ ނިޒާރު ވެސް ވަނީ ބައިވެރިވެ ވަޑައިގަނެފައެވެ.

                    

6 މެއި 2018

ޝެއާ