ފަސްވަނަ އޭޝިއަން ރީޖަނަލް ޕަބްލިކް ޑެޓް މެނޭޖްމަންޓް ފޯރަމް ދިވެހިރާއްޖޭގައި ބާއްވައިފި
06 މެއި 2015 ޝެއާ ޓުވީޓް

ފަސްވަނަ އޭޝިއަން ރީޖަނަލް ޕަބްލިކް ޑެޓް މެނޭޖްމަންޓް ފޯރަމް ބާއްވާފައިވަނީ 2015 ، އެޕްރީލް 21 ން 23 ށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ގުޅިގެން ކުރިއަށް ގެންދިޔަ 3 ދުވަހުގެ މި ފޯރަމަކީ މި ސަރައްދުގެ ގައުމުތަކުގެ ޑެޓް މެނޭޖަރުންނާއި، ބައިނަލްއަގުވާމީ އެހެން ގައުމުތަކުގެ ފަރާތްތަކާއެކު ތަޖުރިބާ ބަދަލުކުރުމަށް ލިބުނު ރަނަގަޅު ފުރުސަތެކެވެ. މި ބައްދަލުވުން އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދާއި އޭ.ޑީ.ބީ. ގެ ވައިސް ޕްރެސިޑެންޓް އޮނަރަބަލް ތިއެރީ ޑި ލޮންގުމަރ އެވެ.

މި ފޯރަމްގައި ގައުމުތަކުގެ ޕަބްލިކް ޑެޓް އޮފީސްތަކާއި، ފިނޭންސް މިނިސްޓްރީތަކާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ މަރުކަޒީ ބޭންކްތަކާއި އެހެނިހެން މާލީ އިދާރާގެ ވަރާތުން ބައިވެރިވެފައިވެއެވެ. 38 ގައުމަކުން 102 މަންދޫބުންނާއި ރާއްޖޭގެ ސަރުކާރުގެ އެކި މުއައްސަސާތަކުން 20 މަންދޫބުން ފޯރަމްގައި ބައިވެރިވެ ވަޑައިގަތެވެ.

މި ފޯރަމްގެ އަމާޒަކީ އޭ.ޑީ.ބީ. މެމްބަރ ގައުމުތަކުގެ ރިސްކް މެނޭޖްމަންޓް ދާއިރާ ހަރުދަނާކޮށް ސަރަހައްދީގޮތުން މެމްބަރ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. މި ފޯރަމަކީ ސަރުކާރުގެ ޑެޓް މެނޭޖަރުންނަށް  ސަރަހައްދުގެ އެހެން ގައުމުތަކުގެ މެނޭޖަރުންނާ އެކު ތަޖުރިބާ ބަދަލުކޮށް، ޑެޓް މެނޭޖްމަންޓްގެ ދާއިރާގައި ހުރި ގޮންޖެހުންތައް ހިއްސާކޮށް މަޢުލޫމާތު މުއްސަނދިކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.