2.5 ބިލިއަން ރުފިޔާގެ އިޤްތިޞާދު ރިކަވަރީ ޕެކޭޖެއް

20 މާޗް 2020

ކޮވިޑް- 19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުން ދިވެހިންނަށް ކުރާ އަސަރުތައް ކުޑަ ކުރުމަށްޓަކާ ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިޤްތިޞާދު ރިކަވަރީ ޕެކޭޖެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލީ އަދި އިގްތިސާދީގޮތުން ސަރުކާރުން ނިންމާ މުހިއްމު ނިންމުންތައް ހާމަ ކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައެވެ. 

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޟް އިސްމާއީލް، އެމް އެމް އޭގެ ގަވަރނަރ އަލީ ހާޝިމް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރަރު މުޙައްމަދު ނާޝިޒް ބައިވެރިވެ ވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވަނީ މުހިއްމު ނިންމުންތަކެއް ހާމަކުރައްވާފައެވެ. އެގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

- ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ރިކަރަންޓް ހަރަދުން 1 ބިލިއަން ރުފިޔާ ކުޑަކުރުން.

- ސަރުކާރުގެ ޕީ.އެސް.އައި.ޕީ ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުން.

- ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ދާއިރާއަށް ޚަރަދުކުރާ މިންވަރު އިތުރުކުރުން.

މީގެ އިތުރުން ރައްޔިތުންނަށް ސީދާ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމަށްޓަކާ ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިޤްތިޞާދު ރިކަވަރީ ޕެކޭޖެއް ތައާރަފުކުރަން ވަނީ ނިންމާފައި. އެ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ:

- ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް. ބައެއް ބޭންކުތައް މެދުވެރިކޮށް ފެސިލިޓީތައް ފޯރުކޮށްދޭން ވަނީ ނިންމާފައި

- ކުރިއަށް އޮތް ދެ މަހުގެ ( އެޕްރީލް އަދި މެއި) ކަރަންޓު ބިލުގެ 40 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ވަނީ ނިންމާފައި.

- އަދި ކުރިއަށް އޮތް ދެމަހުގެ ( އެޕްރީލް އަދި މެއި) ފެން ބިލުން 30 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ވަނީ ނިންމާފައި.

- ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބީއެމްއެލުއިން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތަށް 6 މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުން.

- އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮ ކުރަން ވަނީ ނިންމާފައި.


ޝެއާ