ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަށް ނެދަލޭންޑްސް ސަރުކާރުން ދޭ 10.7 މިލިއަން އެމެރިކާ ޑޮލަރު ގެ ހިލޭ އެއްބަސްވުމުގައި ސޮއުކޮށްފިއެވެ.
28 ނޮވެމްބަރު 2017 ޝެއާ ޓުވީޓް

ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަށް ނެދަލޭންޑްސް ސަރުކާރުން   ދޭ 9 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 10.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެއްބަސްވުމުގައި މިއަދު ސޮއުކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަހްމަދު މުނައްވަރުއެވެ. ނެދަލޭންޑްސްގެ ސަރުކާރުން ސޮއިކުރެއްވީ ، ސްރީލަންކާގައި ހުންނަ ނެދަލެންޑް ގެ މިޝަންގެ ޑެޕިއުޓީ ހެޑް، މިސް. އީވާ ވެން ވޯސެމްއެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ ނެދަލޭންޑްސްގެ އެންޓަރޕްރައިސް އޭޖެންސީ (އޯރިއޯ)އިން ދޭ ހިލޭ އެހީ އާއި ކުވައިތު ފަންޑު ފޯރ އެރެބް އިކޮނޮކިމް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑު)އިން ދޭ ލޯންގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް މުޅި ޖުމްލަ 25.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެކެވެ.

މި މަޝްރޫޢު ހިންގުމަށް ކުވައިތު ފަންޑުން ދީފައިވަނީ 3.6 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކަށް 11.88 މިލިއަން އެމެރިކާ ޑޮލަރު)ގެ ލޯނެކެވެ. ކުވެއިތު ފަންޑުން ދިން ލޯން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

މި މަޝްރޫޢަކީ ފުވައްމުލަކުގެ ތިމާވެއްޓަށާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ މަޝްރޫޢެކެވެ. އެގޮތުން، މި މަޝްރޫޢުގެ ސަބަބުން ފުވައްމުލަކުގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރެވި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހި ވެގެންދާނެ މަޝްރޫޢެކެވެ.

ފުވައްމުލަކަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަށްވެފައި، ބިމުގެ ގޮތުން ބަލާއިރުވެސް ރާއްޖޭގައި ހިމެނޭ އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި އެރަށަކީ ރަށުގެ ރަށްވެހިން ގިނަ އަދަދަކަށް ދިރިއުޅޭ އަދި ފެންވަރު ރަނގަޅު ތަޢުލީމާއި ސިއްޙީ ޚިދުމަތްދޭ ރަށަކަށްވާތީ އާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުސަތުއޮތް ރަށަކަށްވާތީ އެހެން ރަށްރަށުގެ މީހުން އެރަށަށް ހިޖުރަކުރާކުރާ ރަށެއްވެސް މެއެވެ. މީގެ އިތުރުން، ފުވައްމުލަކަކީ ގޮނޑުދޮށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ތަހައްމަލުކުރަންޖެހިފައިވާ ރަށެކެވެ.

ކުވައިތު ފަންޑުން ދީފައިވާ 3.6 މިލިއަން ކުވައިތީ ދީނާރުގެ  ލޯނަކީ 1.5% އިންޓަރެސްޓްގައި 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ކޮންސެޝަނަލް ލޯނެކެވެ.