މޯލްޑިވްސް އިސްލާމިކް ބޭންކް ޕވޓ. ލޓޑ.ގައި އޮންނަ ދިވެހި ސަރުކާރުގެ ހިއްސާ އިތުރުކުރުން
02 އޭޕްރީލް 2017 ޝެއާ ޓުވީޓް

މޯލްޑިވްސް އިސްލާމިކް ބޭންކް ޕވޓ. ލޓޑ. (އެމް.އައި.ބީ) ގައި އޮންނަ އިސްލާމިކް ކޯޕަރޭޝަން ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) ގެ ހިއްސާގެ ތެރެއިން %10 ހިއްސާގެ ދިވެހިސަރުކާރުން ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން ސޮއިކުރީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަހްމަދު މުނައްވަރުއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް  ޕވޓ. ލޓޑ. (އެމް.އައި.ބީ) ގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ މރ ހާރިސް ހާރޫންއެވެ.

އެމް.އައި.ބީ އުފެދުނުއިރު އެ ބޭންކްގައި އޮތީ ސަރުކާރުގެ 15% ހިއްސާ އަދި އައި.ސީ.ޑީ ގެ %85 ހިއްސާއެވެ. އެހެން ނަމަވެސް އެމް.އައި.ބީ ގައި އޮންނަ އައި.ސީ.ޑީ ގެ ހިއްސާގެ ތެރެއިން %10 ވިއްކާލަން އެފަރާތުން ބޭނުންވުމާއި ގުޅިގެން އަދި އެމް.އައި.ބީ ގެ ފުޅާވެ، ކުރިއަރަމުންދާ ވިޔަފާރިއާއި ފައިދާވަމުންދާ މިންވަރަށް ބެލުމަށްފަހު އެ %10 ހިއްސާ ގަތުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި އެއްބަސްވުމާއި އެކު އެމް.އައި.ބީ ގައި އޮންނަ ސަރުކާރުގެ ހިއްސާގެ ޖުމުލަ %25 އަށް އިތުރުވާނއެވެެ.

އިސްލާމިކް ފައިނޭންސް ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުން އަބަދުވެސް ވަރަށް އިސްކަންދެއްވާކަމެކެވެ.