ރާއްޖޭގެ ދެވަނަ ސޮވްރިން ކްރެޑިޓް ރޭޓިން ޝާޢިއުކޮށްފި

27 އޮކްޓޯބަރ 2018

ދިވެހިރާއްޖޭގެ ދެވަނަ ސޮވްރިން ކްރެޑިޓް ރޭޓިންގ، 16 މޭ 2017 ގައި، ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުގެ ގެ ތެރޭގައި ހިމެނޭ އެއް ފަރާތްކަމުގައިވާ، ފިޗް ރޭޓިންގްސް އިން  ޝާޢިއުކޮށްފިއެވެ. ފިޗްގެ ފަރާތުން ރާއްޖޭގެ ދިގުމުއްދަތުގެ ދިވެހި ރުފިޔާ އަދި ބޭރުފައިސާގެެ ދަރަންޏަށް ދީފައިވަނީ B+ ރޭޓިންގ އެކެވެ. އަދި ރޭޓިންގ އަށް ފިޗް އިންދީފައިވަނީ "ސްޓޭބަލް އައުޓްލުކް" އެކެވެ. މި ރޭޓިންގ އަކީ ދިވެހިރާއްޖެއާ އެއްފަދަ ތަރައްޤީވަމުން އަންނަ އަވަށްޓެރި ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ ކްރެޑިޓް ރޭޓިންގ ތަކާއި އަޅައިކިޔޭ ރޭޓިންގއެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ސޮވެރިން ކްރެޑިޓް ރޭޓިންގ ޝާއިއު ކޮށްފައިވަނީ 02 ސެޕްޓެމްބަރ 2016 ގައި  މޫޑީސް އިންވެސްޓަރސް ސަރވިސް ގެ ފަރާތުންނެވެ. ފިޗް އިން ދީފައިވާ ރޭޓިންގ އަކީ އޭރު މޫޑީސްއިން ދީފައިވާ ރޭޓިންގ އަށްވުރެ އެއްދަރަޖަ މަތީ ރޭޓިންގ އެކެވެ.

ފިޗް އިން ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެއަށް Bގެ ރޭޓިންގ އެއް ދީފައިމިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދީ ދުވެލި ބާރުމިނެއްގައި ދެމެހެއްޓޭނެކަމަށް ފެންނާތީއެވެ. އަދި ފިޗް އިން ފާހަގަ ކުރާ ގޮތުގައި މިހާރު ކުރިއަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު ތަރައްޤީ ކުރުމާއި، ހުޅުމާލޭ ޔޫތުސިޓީއެއްގެ ގޮތުގައި  ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ޓޫރިޒަމް ސެކްޓަރއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުރި ފުރުސަތުތަކާއި ޚަރަދު ކުޑަކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ފިސްކަލް ބެލެންސް ކުރިއަށް އޮތް އަހަރުތަކުގައި ރަނގަޅުވަމުންދާނެކަމަށް ފިޗް އިން ދެކެއެވެ. މިއާއި އެކު ރިކަރަންޓް ޚަރަދުތައް ކުޑަކޮށް ރާއްޖޭގެ ފިސްކަލް ނިޒާމް ދެމެހެއްޓެނިވި މަގެއްގައި ކުރިއަށް ގެންދިއުމަށް ދައުލަތުން ފަށާފައިވާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ރޭޓިންގ ރަނގަޅު ވެގެން ދާނެކަމަށް މި މިނިސްޓްރީއިން ޤަބޫލުކުރަމެވެ.

އެހެން ނަމަވެސް، ދިވެހިރާއްޖޭގެ އިޤްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުން ކުރިމަތިވެދާނެ ކަމަކުން، ރާއްޖޭގެ ފަތުރުވެރިކަން އަދި ރާއްޖޭގެ އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާކަން ފިޗް އިން ފާހަގަކުރެއެވެ. މިގޮތުން ރާއްޖޭގެ އިޤްތިސާދު ފުޅާކޮށް އެހެނިހެން ސިނާއަތްތައް ތަރައްޤީކުރުމާއި ، ދައުލަތުގެ ރަސްމީ ރިޒާވްސް

 

 

އިތުރު ކުރުމާއި ދައުލަތުގެ ދަރަނި ކުޑަކުރުމަކީ މުސްތަގްބަލުގައި ރާއްޖޭގެ ރޭޓިންގ ރަނގަޅު ކުރެވޭނެ ގޮތްތައް ކަމުގައި ފިޗް އިން ފާހަގަކުރެއެވެ. ފިޗް ގެ ފަރާތުން މި ފާހަގަ ކޮށްފައިވާ ރިސްކުތައް ދެނެގަނެ، އެ ރިސްކުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ރާއްޖޭގެ އިޤްތިސާދު ފުޅާކޮށް ޑައިވާސިފައި ކުރުމަށް އިންވެސްޓްމަންޓް ތަކަށް ހުޅުވާލެވިފައިވާ މާހައުލެއް ގާއިމު ކުރުމަށް މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނާއި އެހެނިހެން ބަދަލުތަކުގެ ތެރެއިން އިންވެސްޓްމަންޓަށް ފަހި މާހައުލެއް ވަނީ ޤާއިމުކުރެވިފައެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބޭރުގެ އިންވެސްޓްމަންޓްތަކުގެ އަދަދު ވަނީ މިފާއިތުވި އަަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑުތަން އިތުރުވެފައެވެ. އަދި ރާއްޖޭގެ ބޭރުފައިސާގެ ރިޒާވްސް ވަނީ މީގެ 5 އަހަރު ކުރިއާ އަޅައިބަލާއިރު އިތުރު ކުރެވިފައެވެ.މީގެ އިތުރުން ރާއްޖޭގައި މިހާރުކުރިއަށް ގެންދަމުންދާ މެގަ ޕްރޮޖެކްޓްތަކުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވިނަމަވެސް، މީގެ ރިސްކު ކުޑަކުރުމަށްވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑެއް ގާއިމުކޮށް، މި ފަންޑް މެދުވެރިކޮށް  ލޯނުތައް އަދާކުރުމަށް ނިންމާފައެވެ.

ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގއެއް ހެދިގެން ދިއުމަކީ މީގެ ފައިދާ ސަރުކާރުގެ އިތުރުން އަމިއްލަ ވިޔަފާރި ތަކަށްވެސް ލިބިގެންދާނެ ކަމެކެވެ. ދުނިޔޭގެ ބޮޑު ދެ ރޭޓިންގެ އެޖެންސީއިން ރާއްޖޭގެ ސޮވެރިންގ ކްރެޑިޓް ރޭޓިންގ ހެދިގެން ދިއުމަކީ، ދިވެހިރާއްޖޭގެ ބޭންކްތަކާއި މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުތަކުން ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެކަމެކެވެ. މިގޮތުން ރާއްޖޭގެ ސޮވަރިން ރޭޓިންގ ރަނގަޅު ކޮށް މީގެ ފައިދާ ރާއްޖޭގެ ވިޔަފާރީތަކަށާއި އިޤްތިސާދަށް ލިބިގެން ދިއުމަށްޓަކައި ދައުތަކުން އަޅަންޖޭހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ކްރެޑިޓް ރޭޓިންގއަކީ މުޅި ޤައުމު މިންކުރެވޭ މިންގަނޑަކަށްވެފައި ރާއްޖޭގެ އިޤްތިސާދަށް، އަދި ވަކިން ޚާއްސަކޮށް ފަތުރުވެރިކަމަށް ލޮޅުން އަރާނެފަދަ ކޮންމެ ކަމަކީ ރާއްޖޭގެ ސޮވަރިން ރޭޓިން އަށް އަދި ރާއްޖޭގެ ކުންފުނިތަކުގެ ރޭޓިންގ އަށް އަސަރު ކުރާނެ ކަމެކެެވެ. މިގޮތުން ރާއްޖޭގެ ސިޔާސީ ހަމަޖެހުުމާއި އިޖްތިމާއީ ގުޅުންތައް ރަނގަޅު ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިސާދަށް ނުހަނު މުހިއްމުކަންކަމެވެ.

 ވީމާ މި ރޭޓިންގ ދެމެހެއްޓުމަކީ، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ޤައުމީ ޒިންމާއެއްކަމަށް ދެކި މަސައްކަތްކުރުމަށް މި މިނިސްޓްރީން އިލްތިމާސްކުރަމެވެ.

ޝެއާ