މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޭ.ޑީ.ބީ މިޝަން އާއި ބައްދަލުކުރެއްވުން
14 ޖުލައި 2016 ޝެއާ ޓުވީޓް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ މިޝަންއާއި  މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙުމަދު މުނައްވަރު މިއަދު ބައްދަލު ކުރައްވައިފިއެވެ.

އޭ.ޑީ.ބީން ދެއްވާ ހިލޭއެހީ އާއި ލޯން އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓް "އިންކްލޫސިވް މައިކްރޯ، ސްމޯލް އެންޑް މީޑިއަމް-ސައިޒްޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް (އެމް.އެސް.އެމް.އީ)ގެ ރިވިއުއެއް ކުރެއްވުމަށް ވަޑައިގެން އުޅުއްވާ މި މިޝަންގައި ހިމެނި ވަޑައިންނަވަނީ ޑިރެކްޓަރ އަދި މިޝަން ލީޑަރ މރ. ބްރޫނޯ ކަރަސްކޯ އާއި ފައިނޭންޝަލް ސެކްޓަރ އޮފިސަރ މސ. މއ. ކްރިސްޓީނާ ހިޑަލްގޯއެވެ. މިނިސްޓަރގެ މި ބައްދަލުވުމުގައި، އެމް.އެސް.އެމްއީ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ގޮތާއި އަދި މި ޕްރޮޖެކްޓްގެ ފައިދާ ވީހާވެސް ދެމެހެއްޓެނިވި ގޮތަކަށް ލިބޭނޭހެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން، މިޝަން އާއެކު މަޝްވަރާކުރެއްވިއެވެ.

އެމް.އެސް.އެމް.އީ ޕްރޮޖެކްޓަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ތަރައްޤީކުރުމަށާއި، އެފަދަ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ވިޔަފާރި ހިންގުމުގެ ހުނަރުތައް ދަސްކޮއްދިނުމާއި، ވިޔަފާރިއަށް ބޭނުންވާ މާލީ ވަޞީލަތްތައް ހޯދޭނެ ގޮތްތައް ފަހިކޮއްދިނުމާއި އަދި ވިޔަފާރި ފުޅާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒުކޮށް ހިންގޭ ޕްރޮޖެކްޓެކެވެ. އޭ.ޑީ.ބީ މިޝަންގެ މި ޒިޔާރަތުގައި ޕްރޮޖެކްޓުގައި މަޝްޢޫލުވާ މައިގަނޑު ފަރާތްތައް ކަމުގައިވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އެމް.އީ.ޑީ)، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)  ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ބައްދަލުކުރައްވާނެއެވެ..