މޯލްޑިވްސް ކަންޓްރީ ޑައިގްނޯސްޓިކް ސްޓަޑީ އިފްތިތާޙްކުރުން
20 އޮގަސްޓް 2015 ޝެއާ ޓުވީޓް

އޭ.ޑީ.ބީ. އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގުޅިގެން ނެރޭ ދަ ކަންޓްރީ ޑައިގްނޯސްޓިކް ސްޓަޑީ، މޯލްޑިވްސް – އޯވަރކަމިންގ ދަ ޗެލެންޖަސް އޮފް ސްމޯލް އައިލެންޑް ނޭޝަންސް ރަސްމީކޮށް ނެރެދެއްވުން އޮތީ 18 އޯގަސްޓް 2015 ވަނަ ދުވަހު ހޮޓެލް ޖެންގައެވެ.

މި ރިޕޯޓް ނެރެދެއްވީ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލް ގަފޫރާއި އޭ.ޑީ.ބީ. ގެ ޑިރެކްޓަރ ޖެނެރަލް ޗުންގ ޗިން ވެއި އެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރިޕޯޓުގައިވާގޮތުން ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މަތީފަންތީގެ ޓޫރިޒަމްގެ ސަބަބުން ގައުމުގެ އިގްތިޞާދު ވަރުގަދަވެ ކުރިއަރައި، މެދުމިދުގެ އާމްދަނީ ލިބޭ ގައުމަކަށް ދިވެހިރާއްޖެ ވަނީ ބަދަލުވެފައެެވެ. ނަމަވެސް ދަތުރު ފަތުރާއި، ތަޢުލީމާއި ވަޒީފާއާއި، މާލީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް އަމިއްލަ އިންވެސްޓްމަންޓްތަކަށް ތަރުހީބުދީ އިގްތިޞާދީ  ގޮތުން ކުރެވޭ މަސައްކަތްތައް އިތުރުކޮށް ކުރިއަރުވަން ޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ގިނަދުވަހަށް ދެމިގެންދާ ސަރަހައްދީ ގޮތުން ހަމަހަމަ އިގްތިޞާދީ ކުރިއެރުމެއް ހޯދުމަށްޓަކައި ދިވެހިރާއްޖެއަށް ހުރި ގޮންޖެހުންތަކަށް ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ. އަދި އިގްތިޞާދީ ގޮތުން ހަމައެކަނި ޓޫރިޒަމަށާއި މަސްވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި ތައުލީމާއި އެހެނިހެން ދާއިރާތަކާއި އަމިއްލަ އިންވެސްޓްމަންޓްތައް ކުރިއެރުވޭފަދަ ސިޔާސަތުތައް ކުރިޔަށް ނެރެގެން ގޮންޖެހުންތަކުން އަރައިގަތުމަށް ލަފާދީފައިވެއެވެ.