ހުޅުމާލޭ ފޭސް 2 ތަރައްގީކުރުމަށް ލޯން އެއްބަސްވުމުގައި ސޮއިކުރުން
17 ސެޕްޓެމްބަރު 2015 ޝެއާ ޓުވީޓް

ސައުދީ ފަންޑުން ޚަރަދަކުރާގޮތަށް ހިންގޭ ހުޅުމާލޭ ފޭސް 2 ތަރައްގީކުރުމުގެ މަޝްރޫއުގެ ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި މިއަދު ވަނީ ބޭއްވިފައެެވެ. މި އެއްބަސްވުމުގެ ދަށުން ސައުދީފަންޑުން ވަނީ 300 މިލިއަން ރިއާލަ (80 މިލިއަން ޑޮލަރު) މި މަޝްރޫއަށް ދިނުމަށް އެއްބަސްވެފައެވެ.

މި މަޝްރޫއުގެ ސަބަބުން ދިވެހިސަރުކާރުން ގެންގުޅުއްވާ އެއްފަސް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި ހުޅުމާލޭގައި ދިރިއުޅުމަށް އަންނަ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ. މި މަޝްރޫއުގެ ތެރެއިން ހުޅުމާލޭގެ ކޯސްޓަލް ޕްރޮޓެކްޝަނާއި (ރަށް ގިރުމުން ރައްކާތެރިކުރުން) ބަނދަރުތައް ތަރައްގީކުރެވޭނެއެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. އަދި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރމަން އެންޑް މެނޭޖިންގ ޑައިރެކްޓަރ ޔޫސުފް އަލް ބައްސާމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ސައިމަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލޯނަކީ %2 ގެ އިންޓަރެސްޓް ރޭޓަކާއި އެކު 25 އަހަރު ދުވަހުން އަދާކުރާގޮތަށް ނަގާފައިވާ ލޯނެކެވެ. ލޯނުގެ ގްރޭސް ޕީރިއަޑަކީ 5 އަހަރު ދުވަހެވެ.