ފެނާއި ނަރުދަމާއާއި ކުނި ނައްތާލުމުގެ މަޝްރޫއު ހިންގުމަށް އޯ.އެފް.އައި.ޑީ. އާއެކު ވެވޭ ލޯނު އެއްބަސްވުން
02 ޖުލައި 2015 ޝެއާ ޓުވީޓް

ފެނާއި ނަރުދަމާއާއި ކުނި ނައްތާލުމުގެ މަޝްރޫއު ހިންގުމަށް ނަގާ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޯ.އެފް.އައި.ޑީ.) އާއެކު،  2 ޖުލައި 2015 ވަނަ ދުވަހު ސޮއިކުރައްވައިފިއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުން އޯ.އެފް.އައ.ޑީ. ގެ މައި އޮފީހުގައެެވެ. މި މަޝްރޫއުގެ އަގަކީ 50 މިލިއަން އެމެރިކާ ޑޮލަރެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. އޯޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޯ.އެފް.އައި.ޑީ.) ގެ ފަރާތުން ސޮއިކުރެއްވީ ސުލައިމާން ޖޭ އަލް-ހެބްރިޝް އެވެ.

މި މަޝްރޫއުގެ ދަށުން 49 ރަށެއްގައި ޞިއްހަތާއި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ސާފުބޯފެނުގެ ޚިދުމަތާއި ނަރުދަމާގެ ނިޒާމާއި ކުނިނައްތާލުމުގެ ނިޒާމު ގާއިމުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ސ.މަރަދޫ، ސ.މަރަދޫފޭދޫ، ސ.ފޭދޫ، ސ.ހުޅުދޫ އަދި ސ.މީދޫގައި ނަރުދަމާގެ ނިޒާމު ގާއިމުކުރެވޭނެއެވެ. އަދި ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ރ.އުނގޫފާރު، ބ.އޭދަފުށި، ޅ.ނައިފަރު، ދ.ކުޑަހުވަދޫ، ތ.ވިލުފުށި، ތ.ގުރައިދޫ އަދި ގއ.ވިލިނގިލީގައި ސާފު ބޯފެނުގެ ޚިދުމަތްދެވޭނެއެވެ.

މީގެ އިތުރުން 14 ރަށަކަށް ސާފު ބޯފެންހަދާ ޑީސެލިނޭޝަން ޕްލާންޓްތަކާއި ފެން ރައްކާކުރާ ތާންގީތައް ފޯރުކޮށްދެވޭނެއެވެ. އެރަށްތަކަކީ: ލ.ގަން، ހދ.ނޮޅިވަރަމް، ނ.ހޮޅުދޫ، ރ.މީދޫ، ހދ.ވައިކަރަދޫ، ރ.އިނގުރައިދޫ، ހދ.މަކުނުދޫ، ހދ.ކުމުންޑޫ، ކ.ގާފަރު، ހދ.ނެއްލައިދޫ، ރ.މާކުރަތު، ބ.ކެންދޫ، ކ.ދިއްފުށި އަދި ނ.މާފަރެވެ.

މިލޯނަކީ %4.6 ގެ އިންޓަރެސްޓް ރޭޓަކާއި އެކު 18 އަހަރު ދުވަހުން އަދާކުރާގޮތަށް ނަގާފައިވާ ލޯނެކެވެ. ލޯނުގެ ގްރޭސް ޕީރިއަޑަކީ 4 އަހަރު ދުވަހެވެ.