ޞިއްޚީ ކަންތައްތަކަށް ކޮށްފައިވާ ހޭދައިގެ 2014 ގެ ރިޕޯޓް
12 ޖޫން 2017 ޝެއާ ޓުވީޓް

" މޯލްޑިވްސް ނޭޝަނަލް ހެލްތް އެކައުންޓްސް 2014 " އިފްތިތާޙްކޮށްފިއެވެ. 12 ޖޫން 2017 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި  މޯލްޑިވްސް ނޭޝަނަލް ހެލްތް އެކައުންޓްސް 2014 ( އެން.އެޗްް.އޭ 2014 )  ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަހްމަދު މުނައްވަރުއެވެ.

 ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން،  މިނިސްޓަރ މުނައްވަރު ވަނީ ހެލްތް ދާއިރާއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު މި ރިޕޯޓުން އެނގިގެންދާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ޞިއްޚީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ޞިއްޚީ ދާއިރާގެ ތަފާސްހިސާބުތައް މިހާރަށްވުރެން ފަސޭހައިން ލިބެންހުންނާނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ޞިއްޚީ ދާއިރާއަށް ކިތަންމެ ބޮޑު ހޭދައެއް ކުރި ނަމަވެސް ބަލިތަކުން ރައްކާތެރިވުމަށް ފަރުދީފެންވަރުގައި މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާ، ގައިން ގައަށް ނާރާ ބަލިތަކަކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަންޖެހޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.އެގޮތުން  ކަސްރަތުކުރުމާއި ، ދުންފަތުގެ އިސްތިޢުމާލު ނުކުރުރުންފަދަ ރަނގަޅު އާދަތައް އެކަށާއެޅުމުގެ މުހިންމު ކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އަބަދު އިންޓަނެޓް ބޭނުންކުރުމުގެ ބަދަލުގައި ބޭނުންތެރިގޮތެއްގައި ސޯޝަލް ލައިފް ރައްޓެހިންނާއި އެކު ހޭދަކުރުމުގެ މުހިންމުކަންވެސް މިނިސްޓަރ މުނައްވަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޞިއްޚީ ކަންތައްތަކަށް ކޮށްފައިވާ ހޭދައިގެ 2014 ގެ  ރިޕޯޓްގެ ނަތީޖާތައް ދައްކާ ގޮތުން 2014 ވަނަ އަހަރު ރާއްޖޭގެ ޞިއްޚީ ކަންކަމަށް ޖުމްލަ 4287 މިލިއަން ރުފިޔާގެ ޙަރަދެއް ވަނީ ކޮށްފައެވެ. މިއީ 2011 ވަނަ އަހަރާއި އަޅާ ކިޔާ އިރު 55 އިންސައްތަ ބޮޑު އަދަދެކެވެ. ފާހަގަކޮށްލެވޭ ކަމަކީ މި އަދަދުގެ 3 ބައި ކުޅަ 2 ބަޔަކީ ސަރުކާރުން ސިއްޙީ ކަންކަމަށް ކޮށްފައިވާ ޙަރަދުކަމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އަބުދުﷲ ނާޒިމް އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އަރުވިންދު މާތޫރު އަދި ޞިއްޚީ ދާއިރާގެ އިސްބޭފުޅުން ބައިވެރިވަޑައިގެންފައިވެއެވެ.