އައި.ޑީ.ބީ. ގްރޫޕުން 117 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ފެސިލިޓީ ހަމަޖެހިއްޖެ

27 އޮކްޓޯބަރ 2018

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަހްމަދު މުނައްވަރު، މިމަހުގެ 16 އިން 21 އަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި، ކުރެވުނު މަޝްވަރާތަކަށްފަހު 117 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ފެސިލިޓީސް ހަމަޖެހިއްޖެއެވެ.

މި ފެސިލިޓީތައް ހަމަޖެހިފައިވަނީ އައި.ޑ.ީބީ.ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން،  އައި.ޑީ.ބީ އާއި އައި.ޑީ.ބީ، ގައި ހިމެނޭ އިންސްޓިޓިއުޓް ތަކާއިއެކު  ބޭއްވި ބައްދަލުވުންތަކުގައި ކުރެވިފައިވާ މަޝްވަރާތަކުގެ ތެރެއިންނެވެ. އެގޮތުން އައި.ޑީ.ބީ ގެ ރައީސް ޑރ. ބަންޑަރ އެމް.އެޗް ހައްޖަރު އާއި އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ކުރިއަށްދާ މުހިންމު ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އައި.ޑީ.ބީ ގްރޫޕުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އިންފްރާ ސްޓްރަކްޗަރ ޕްރޮޖެކްޓަތަކާއި، ކުނިނައްތާލުމުގެ މަޝްރޫޢުތައް ވެސްް ހިމެނެއެވެ.

އައިޑީބީގެ އަވްޤާފް އަދި ވަޤްފް ޔުނިޓް، އިސްލާމިކް ފައިނޭންޝިއަލް ސަރވިސް ޑިޕާރޓްމަންްޓްގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ކުރިއަށްގެންދަން ހުށަހަޅާފައިވާ ޕްރޮޖެކްޓަކަށް މިހާރު ހަމަޖެހިފައިވާ ފައިސާ އިތުރުކުރުމަށް ބައްދަލުވުންތަކުގައި ވަނީ ނިންމަވާފައެވެ.  މިދަތުރުފުޅުގައި އައި.ޑީ.ބީ ގެ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން ގެ ސީއީއޯ މރ ހާނީ ސާލިމް އާއި އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިއާއި ، މަސްވެރިކަމާއި އަދި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަށް މިހާރު ދިނުމަށް ނިންމާފައިވާ ލޯންއެހީގެ އަދަދު އިތުރުކުރެއްވުމަށާއި ޓްރޭޑް ފައިނޭންސް އާއި ގުޅޭ ފަންނީ އެހީތެރިކަން ދިނުމަށްވަނީ ނިންމަވާފައެވެ.

ހަމަމިއާއި އެކު މި ދަތުރުފުޅުގައި ރާއްޖޭގެ އިސްލާމިކް ބޭންކްގެ ހިއްސާދާރެއްކަމަށްވާ ، އިސްލާމިކް ކޯޕަރޭޝަން ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) ގެ ސީ.އީ.އޯ މރ. ޚާލިދު އަލް އަބޫދީ އާއި ވެސް މިނިސްޓަރ މުނައްވަރު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި  ރާއްޖޭގެ އިސްލާމިކް ބޭންކްގެ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމާއި ސަރުކާރުން ދެވެން އޮތް އެހީތެރިކަމާއި މެދު މަޝްވަރާކުރެވި އައި.ސީ.ޑީ އިން  އިސްލާމިކް ފައިނޭންސް ސެކްޓަރ ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ދިނުމަށްވެސް އެއްބަސްވެވިފައިވެއެވެ.

އިސްލާމިކް ސޮލިޑިޓަރީ ފަންޑް ފޯރ ޑިވެލޮޕްމަންޓް، އައި.އެސް.އެފް.ޑީގެ ޑިރެކްޓަރ ޖެނެރަލް އާއި އެކު ބޭއްވި ބައްދަލުވުމުގައި ވަޤްފް  އަދި ޒަކާތު ގެ ކަންކަން ހަރުދަނާ ކުރުމަށް އެހީތެރިވުމާއި ، އިސްލާމިކް ޓޫރިޒަމް ގެ ކަންކަމަށް އެހީތެރިވުމުގެ އިތުރުން ކުނި ނައްތާލުމުގެ މަޝްރޫޢުތަކަށް އެއްބާރުލުން ދެއްވުމަށްވެސް އެއްބަސްވެވިފައި ވެއެވެ.މިނިސްޓަރގެ މި ދަތުރުފުޅުގައި އިސްލާމިކް ރިސަރޗް އެންްޑް ޓްރެއިނިންގ އިންސްޓިޓިއުޓް އިސްބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުންތަކުގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ ގެ ތަމްރީން ޕްރޮގރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް އެއްބަސްވެވިފައިވެއެވެ.

އައި.ޑީ.ބީ ގެ އަހރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރ ވަނީ ޢަރަބި އެހީދޭ ބައެއް ޖަމިއްޔާތަކާއި ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އޮފިޑް އަދި ކުވެއިތު ފަންޑުގެ އިސްބޭފުޅުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި މި ފަންޑްތަކުން މިހާރު ހިންގަމުންދާ ޕްރޮޖެކްޓްތައް ހިންގަމުންދާގޮތް އަޮޅުންފިލުވާލަދީ އަދި މިއަހަރުގެ ޖުލައިމަހުގެ ކުރިން މުހިންމު އައު ޕްރޮޖެކްޓެއްގައި ސޮއިކުރެވޭނެކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވާފައެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގައި ، މި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ޝާމް އާދަމް އަދި ސީނިއަރ ޕްލޭނިންގ އޮފިސަރ ޚަދީޖާ މާޖިދާ ހަސަން ވެސް ބައިވެރިވަޑައިގެނެވިއެވެ.

ޝެއާ