ސައުދީ ސަރުކާރުން ކަދުރު ހަދިޔާކުރުން
20 އޭޕްރީލް 2015 ޝެއާ ޓުވީޓް

19 އެޕްރީލް 2015، މާލެ؛ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާ 50 ޓަނުގެ ކަދުރު ދިވެހި ސަރުކާރާއި ހަވާލުކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ބާއްވައިފި.

ދިވެހި ސަރުކާރާ ރަސްމީގޮތުން ކަދުރު ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ދެ މަންދޫބުން ކަމުގައިވާ ޢަބްދުﷲ ޢަބްދުއްރަހްމާން އަލް ހުސައިނީ އާއި  މުޙައްމަދު ޢަބްދުއްރަހްމާން ބިން ސަބީޙް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާއި ހަވާލުވެލެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނާއިބު އަލްފާޟިލް ޢަބދުﷲ ނާޝިދެވެ.

ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ދިވެހިރާއްޖެއަށް ކަދުރު ހަދިޔާކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. މިއަހަރު ހަދިޔާކޮށްފައިވާ ކަދުރު ޝިޕްމަންޓްގެ އަގަކީ ގާތްގަނޑަކަށް 70,666 އެމެރިކާ ޑޮލަރެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މި ކަދުރު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.