ސީޕްލޭން ޓާރމިނަލް ކުއްޔަށްދޭން ނިންމީ އެންމެ ފައިދާ ހުރި ގޮތަށް: މިނިސްޓަރ އަމީރު
20 ފެބުރުއަރީ 2020 ޝެއާ ޓުވީޓް


އެމް އޭ ސީ އެލުން ތަރައްޤީ ކުރަމުން ގެންދާ ސީޕްލޭން ޓާރމިނަލް ކުއްޔަށް ދިނުމުގެ ކަންތައް މި ސަރުކާރުން ނިންމާފައިވަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށްފައިކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ސީޕްލޭން ޓާރމިނަލް ކުއްޔަށް ދިނުމަށް ނިންމާފައިވާ ގޮތާ ގުޅޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި މިނިސްޓަރ ވިދާޅުވީ ކުރީގެ ސަރުކާރުން ދޭން އުޅުނު ގޮތް ހުއްޓުވާ އަލަށް ނިންމި ނިންމުމުގެ ސަބަބުން ބޮޑު ފައިދާއެއް ދައުލަތަށްވާނެ ކަމަށެވެ.

"ކުރީގެ ސަރުކާރުން ސީޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުން ވަކި އޮޕަރޭޓަރަކާ ހަވާލުކުރަން ދިޔަ މަސައްކަތް ހުއްޓުވާ ސަރުކާރުން މިހާރު މި ނިންމި ގޮތުގެ ސަބަބުން ކުންފުންޏަށް 33 މިލިއަން ޑޮލަރުގެ ފައިދާއެއްވާނެ. ކުރީގެ ސަރުކާރުން ކުރިއަށް ގެންދަންބޭނުންވި ގޮތަށް ގެންގޮސް ނިންމާލި ނަމަ އެމް.އޭ.ސީ.އެލްއަށް ލިބޭނެކަމަށް އޮޑިޓަރ ޖެނެރަލް ލަފާކޮށްފައިވަނީ 5 މިލިއަން ޑޮލަރު." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލް ވިދާޅުވީ ސީޕްލޭން ޓާރމިނަލް 2 އަހަރު ދުވަހަށް އޮޕަރޭޓަރުންނަށް މިހާރުހުރި އަގަށް ދިނުމުގައި އެމް އޭ ސީ އެލް އެކަމަށް ފުރިހަމައަށް ތައްޔާރުވުންވެސް ހިމެނޭ ކަމަށެވެ. " އެމް އޭ ސީ އެލުން އެބަ ވިދާޅުވޭ 2 އަހަރުތެރޭގައޭ ފުލީ ފަންކްޝަން ކުރެވޭ ވަރަށް ތައްޔާރު ވެވޭނީ. އެއީވެސް އެގޮތަށް އެކަން ނިންމިއިރު ބެލި މުހިއްމު ކަމެއް" އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

ސީޕްލޭން ޓަރމިނަލް އޮޕަރޭޝަންސްއަކީ ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުބާރާއެކު ދޭންޖެހޭ ޚިދުމަތެއްކަމުން ކުރިއަށް އޮތް 2 އަހަރުތެރޭ ސީޕްލޭން ޓަރމިނަލްގެ މުޅި އޮޕަރޭޝަން އެމް.އޭ.ސީ.އެލްއަށް ދިނުމަށް ސަރުކާރުންވަނީ ނިންމާފަ އެވެ.