ބަނޑޭރި ޕޯޓަލް އިފްތާހްކޮށްފި

2018-01-07 00:00:00

newsimage

ފިނޭންސް މިނިސްޓްރީގެ ބަޖެޓް އިމްޕލމެންޓް ކުރުމާއި ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅުވާލުމަށް "ބަނޑޭރި ޕޯޓަލް" ގެ ނަމުގައި ޕޯރޓަލް އެއް އިފްތިތާހްކޮށްފިއެވެ. މިކަމަށްޓަކައި މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ސީނިއަރ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޖަލީލް އެވެ.

" ބަނޑޭރި ޕޯރޓަލް "  އަކީ ފިނޭންސް މިނިސްޓްރީގެ ބަޖެޓް ތަންފީޒު ކުރުމާއި ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިޔުގައަކުން ގުޅުވާލުމަށް  ތަޢާރަފްކުރެވުނު ޕޯޓަލް އެކެވެ. " ބަނޑޭރި ޕޯރޓަލް" މެދުވެރިކޮށް، ތިން ބާވަތެއްގެ ރިކުއެސްޓް އޮފީސްތަކުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅޭނެއެވެ. އެއީ ބަޖެޓްގެ އެއް ކޯޑުން އަނެއްކޯޑަށް ފައިސާ ބަދަލުކުރުން،  އެޑްވާސްން ފަންޑުން ފައިސާ ހޯދުން ނުވަތަ ބަޖެޓް އިތުރުކުރުމުގެ، އިތުރުން ޚިދުމަތް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް، ވަކި ފަރާތަކާއި ހަވާލުކުރުމަށް އެދި ހުށަހަޅާ ރިކްއެސްޓް އެވެ. .އަދި ހަމައެއާއި އެކު، ދަޢުލަތުގެ ދަތުރުތައް، އެއްވިޔުގައަކުން ގުޅާލައި މެނޭޖްކޮށް ބެލެހެއްޓުމަށް، ދަތުރުތަކުގެ ހުއްދަދިނުންވެސް މި ޕޯޓަލްއަށް ވަނީ ބަދަލުކުރެވިފައެވެ.

މި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ މި ޕޯޓަލްގެ ސަބަބުން މަސައްކަތްތައް އިތުރަށް ހަލުވިވެ، އަވަސްވެގެން ދާނެ ކަމަށެވެ. އަދި ނިންމަން ޖެހޭ ބައެއް ނިންމުންތައް ނިންމުމުގައި މި ޕޯޓަލް އެހީތެރިވެދިނުމުގެ އިތުރުން ޑާޓާ ކަލެކްޓު ކުރުމުގައި ގެންގުޅޭ ނިޒާމު އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ. 
 

މި މިނިސްޓްރީން މިއަދު މި ތަޢާރަފް ކުރެވުނު "ބަނޑޭރި ޕޯރޓަލް" އާއި އެކު، ދަޢުލަތުގެ މާލީ، ނިޒާމު އިތުރަށް ހަރުދަނާވެ، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިއަށްވުރެ ހަލުވި ވެގެންދާނެއެވެ.

މި ޕޯރޓަލް މެދުވެރިކޮށް، ފިނޭންސް މިނިސްޓްރީ އާއި އެކު ކުރެވެމުންދާ މުއާމަލާތްތައް، އަވަސްކުރެވި، ޖުމުލަކޮށް މުޅި ދަޢުލަތުގެ މާލީ ނިޒާމުގެ ހިންގުން އަވަސްވެ، ހަރުދަނާވެ، ބޮޑެތިކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އެގޮތުން ކުރިއާއި ޚިލާފަށް، ބަޖެޓާއި ގުޅޭ ގޮތުން ހުށަހެޅޭ ބަޖެޓާއި ގުޅޭ ރިކްއެސްޓްތައް ފުރިހަމަ މަޢުލޫމާތާއި އެކު ޕޯޓަލްމެދުވެރިކޮށް އައުމުން  އެކަމާއިމެދު ގޮތްނިންމުމަށް ފަސޭހަވެ، އަވަސްވެގެންދާނެއެވެ.

" ބަނޑޭރި ޕޯރޓަލް" ބޭނުންކުރަން ފެށުމާއި އެކު، މިހާރު ފިނޭންސް މިނިސްޓްރީ އާއި އެކު ބަދަލުކުރެވެމުންދާ ލިޔެކިޔުންތައް، އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރެވިގެން ދިޔުމުން ބޭނުންކުރެވޭ ކަރުދާސް އެތައް ގުނައެއް މަދުކުރެވިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ތިމާވެއްތާޢި އަހުލުވެރި ނިޒާމެއް ޤާއިމްވެގެންދާނެއެވެ.