ކުރިއަށް އޮތް ތަނުގައި އޭޑީބީން ރާއްޖެއަށް ދެއްވާނެ އެހީތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި
23 މެއި 2017 ޝެއާ ޓުވީޓް

އޭ.ޑީ.ބީއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެ، .އޭ.ޑީ.ބީގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޭޑީބީން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ނައިބު ރައީސް މރ. ވެންޗައި ޒަންގ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހު އޮތް ބައްދަލުކުރެއްވުމުގައި، އޭ.ޑީ.ބީގެ ނައިބު ރައީސް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ ތަފާތު ދާއިރާތައް އިތުރަށް ތަރައްޤީކުރުމަށް ކުރިއަށް އޮތްތަނުގައި އޭ.ޑީ.ބީން ދެއްވާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އޭ.ޑީ.ބީގެ ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ ގުޅޭގޮތުން ރާއްޖޭގައި ހިންގަން ރާވާފައިވާ މަޝްރޫޢުތަކަށް ތަޢުރީފްކުރައްވާ، އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަޙްމަދު މުނައްވަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ. އޭ.ޑީ.ބީގެ ނައިބު ރައީސްގެ އަރިހުގައި، އޭ.ޑީ.ބީގެ އިކޮނޮމިސްޓް މިސްޓަރ މަސާޓޯ ނަކާނެއާއި ސީނިއަރ އާބަން ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް، މިސްޓަރ ރޮން ސްލެންގަން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން އޭޑީބީގެ ނާއިބް ރައީސް މރ. ވެންޗައި ޒަންގ ވަނީ ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު އާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރެޜަރީގައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ގެ އިތުރުން ސީނިއަރ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އާރިފް ހިލްމީ އާއި ޑިރެކްޓަރ ޖެނެރަލް އަބުދުﷲ އަލީ ވެސް ބައިވެރިވަޑައިގެންނެވިއެވެ.