އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީ ކުރުމުގެ ލޯނު އެއްބަސްވުމުގައި ކުވޭތް ފަންޑާ އެކު ސޮއިކުރުން
10 އޮގަސްޓް 2016 ޝެއާ ޓުވީޓް

 ޢަރަބި ކޯޑިނޭޝަން ގްރޫޕްގައި ހިމެނޭ ކުވޭތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުވޭތު ފަންޑް) އިން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ދެއްވާ ފަނަރަ މިލިއަން ދީނާރު (50 މިލިޔަން އެމެރިކާ ޑޮލަރ) ގެ ލޯނު  އެހީގެ އެއްބަސްވުމުގައި މިއަދު، 09 އޮގަސްޓް 2016 ވަނަ ދުވަހު ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޖަލްސާކުރާ މާލަމުގައި ސޮއިކުރައްވައިފިއެވެ. މިލޯނު އެއްބަސްވުމުގައި ކުވޭތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ، ހިޝާމް އަލް ވަޢަޔާން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަދި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއަރ އަލްފާޟިލް އަޙްމަދު ޡުހޫރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ކޮމިޓީގެ ޗެއަރ އަލްފާޟިލް މުޙައްމަދު ސަޢީދާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 މި ލޯނަކީ 20 އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހަމަޖެހިފައިވާ ލުއި ލޯނެކެވެ.