އިންފޮމޭޝަން ސިސްޓަމްގެ ޕޭރޯލް މޮޑިއުލް, ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު މިއަދު އިފްތިތާޙްކޮށްފި
20 ސެޕްޓެމްބަރު 2017 ޝެއާ ޓުވީޓް

ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިން އީ-އެޑްމިން ނަމުގައި ތައްޔާރުކޮށްފައިވާ އިންފޮމޭޝަން ސިސްޓަމްގެ ޕޭރޯލް މޮޑިއުލް, ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު މިއަދު އިފްތިތާޙްކޮށްފިއެވެ.

ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިން އީ-އެޑްމިން ނަމުގައި ތައްޔާރުކޮށްފައިވާ އިންފޮމޭޝަން ސިސްޓަމްގެ ޕޭރޯލް މޮޑިއުލް މިއަދު އިފްތިތާޙްކޮށްފައިވަނީ ބަނޑޮސް އައިލޭންޑް މޯލްޑިވްސްގައި އެން.ސީ.އައި.ޓީއިން ބޭއްވި  ޚާއްޞަ ޙަފްލާއެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ، 10 މިލިއަން ޑޮލަރުގެ  އިންވެސްޓްމަންޓް މުޅި ދައުލަތުގެ އައި.ސީ.ޓީ ދާއިރާ ކުރިއެރުވުމަށް މިއަހަރު ކުރިއަށް އެބަގެންދަވާކަމަށެވެ. މީގެ އިތުރުން މިދާއިރާއަށް ކުރެވޭ ޚަރަދުގެ ސަބަބުން ދައުލަތުން ކުރެވޭ ކަންކަމުގެ ޚަރަދު ކުޑަވެެ ފައިދާވެސް ލިބެންޖެހޭނެކަމަށް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.  މިނިސްޓަރ  ވިދާޅުވީ  އެންސީއައިޓީ މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތް ރަނގަޅުވެ ފެންވަރުވެސް ރަނގަޅުވެ ރަނގަޅުވާންޖެހޭ ކަމަށެވެ.މިކަމަށް އެންމެ ބޮޑު އެހީއެއް ލިބިގެންދާނީ އެއް އިދާރާ އާއި އަނެއް އިދާރާގެ ގުޅުން ހަރުދަނާވެގެން ކަން މިނިސްޓަރު ގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އިދާރާތަކުގެ ގުޅުން ހަރުދަނާކުރެވުމުން ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުވެސް ކުޑަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ސިސްޓަމްއަކީ މައިގަނޑު 3 ބަޔަކަށް ބަހާލައިގެން ތައްޔާރުކުރަމުން އަންނަ ސިސްޓަމެކެވެ. މި ގޮތުން މި ސިސްޓަމް ބަހާލެވިފައިވަނީ 'ޕީޕަލްސް މޮޑިއުލް' ، 'ސަރވިސް މޮޑިއުލް' އަދި ' ޕާރފޯމަންސް މޮޑިއުލް' އަށެވެ. 2013 ވަނަ އަހަރު އީއެޑްމިންގެ 'ޕީޕަލްސް މޮޑިއުލް'ގައި ހިމެނޭ ގިނަބައިތައް ނިންމާ މިހާތަނަށް ސަރުކާރުގެ 16 އިދާރާއެއްގައި މި ސިސްޓަމް ދަނީ ބޭނުންކުރަމުންނެވެ.

މިއަދު ލޯންޗް ކުރެވުނު 'ޕޭރޯލް މޮޑިއުލް' އާއި އެކު 'ޕީޕަލްސް މޮޑިއުލް'ގެ މަސައްކަތް ފުރިހަމަ ވެގެންދާނެއެވެ. ސަރުކާރުގެ  ކޮމްޕިޔުޓަރ ވިއުގަ މެދުވެރިކޮށް އީ-އެޑްމިން ބޭނުންކުރަން ފެށުމާއިއެކު ސަރުކާރު އިދާރާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަޢުލޫމާތާއި ހާޟިރީ ބެލެހެއްޓުމާއި އަދި މުސާރައާއި ގުޅޭ ހުރިހާ މަސައްކަތްތައް ސިވިލް ސަރވިސް ޤާނޫނުގައިވާ ގޮތުގެ މަތިން އެއްފުރާޅެއްގެ ދަށުން ހިންގުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އޮޓޯމޭޓްވެ، މުސާރަ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު ކުރުވެ، މަސައްކަތް ހަލުވިވެގެންދާނެއެވެ.

މި ސިސްޓަމް ބޭނުންކުރަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް 2017 ވަނަ އަހަރު ނިންމާ 2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ހުރިހާ އިދަރާއެއްގައި މި ސިސްޓަމް ޢަމަލީގޮތުން ބޭނުންކުރުމަކީ އެން.ސީ.އައި.ޓީގެ ޢަމާޒެވެ.